މިއަދުގެ ޖަލްސާ ނިޒާމު ގެއްލި ނިންމަވާލައްވައިފި (13.10.2010)

އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަނޭޅޭނެކަމަށް ވިދާޅުވެ ގިނަ މެންބަރުންތަކެއް ނިޒާމާބެހޭ މައްސަލަނަންގަވާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތަށް މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ޖަލްސާނިންމަވާލައްވައިފިއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙުގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމާއި، އަދި ކުރިން މިބިލަށް ހުށަހެޅިފައިވާ އިޞްލާހަށް ބަހުސްކުރުމާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ބަހުސް ކުރިއަށްގެންދިއުމާއި، ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލުގެ ބަހުސް ކުރިއަށްގެންދިޔުމާއި، އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއި، ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލައަށް ގޮތެއްް ނިންމަވާދެއްވުމަށް އެދި އެކޮމިޓީން މަޖިލީހަށް ހުށަހަޅާ ރިޕޯޓް މަޖިލީހަށް ހުށަހެޅުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް، ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވެއެވެ.
މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުންވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކުރެވިފައިވެއެވެ.
ގިނަ މަސައްކަތްތަކެއް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވީނަމަވެސް އެޖެންޑާ ކުރެވިފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއްނުވެއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 18 އޮކްޓޯބަރ 2010 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައެވެ.