މަޖިލީހުގެ ނިޒާމު އިތުރަށް ގެއްލި އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެކަމަށްފެންނާތީ، މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (12.10.2010)

އޮޑިޓަރ ޖެނެރަލްކަމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު މަޖިލީހަށް ހުށަހަޅުއްވަންފެއްޓެވިތަނާހެން މަޖިލީހުގެ ގިނަ މެންބަރުންތަކެއްވަނީ، އެ ރިޕޯޓް މަޖިލީހަށް ހުށަނޭޅޭނެކަމަށް ވިދާޅުވެ ނިޒާމާބެހޭ މައްސަލަނަންގަވާ ރިޔާސަތަށް ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. މެންބަރުން ނެންގެވި ނިޒާމާބެހޭ މައްސަލައަށް ރިޔާސަތުންވަނީ ޖަވާބުދެއްވާފައެވެ. ނަމަވެސް ރިޔާސަތުން ޖަވާބުދެއްވުމުންވެސް ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅޭވަރަށް ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ރައީސްގެ އަމުރަށް ކިޔަމަންވެވަޑައި ނުގަތުމުން، މަޖިލީހުގެ ގަވައިިދުގެ 54 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ ނަން ރިޔާސަތުން އިއްވެވިއެވެ. އެމެންބަރުގެ ނަން އިއްވުމުންވެސް މަޖިލިސްދޫކުރައްވާ ނިކުމެވަޑައިނުގަތުމުން އެމެންބަރު މަޖިލިސްކުރާ މާލަމުން ނިކުމެވަޑައިގަންނަވަންދެން މަޖިލީހުގެ ޖަލްސާ ރިޔާސަތުން މެދުކަނޑާލެއްވިއެވެ. އަދި މަޖިލީހުގެ ގަވައިިދުގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުގެ ނަން ރިޔާސަތުން އިއްވުމުންވެސް މަޖިލިސްކުރާ މާލަން ދޫކުރައްވާ ނިކުމެވަޑައިގެންފައިނުވާތީއާއި، އެކަމަށް މަޖިލީހުގެ އަމީންޢާންމާއި މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށް މަސައްކަތް ކުރުމުންވެސް ނަތީޖާއެއް ފެނިފައިނުވާތީ، މަޖިލީހުގެ ނިޒާމު އިތުރަށް ގެއްލި މިކަމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެކަމަށް މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާތީ މިއަދުގެ ޖަލްސާނިންމަވާލެއްވިކަން މަޖިލީހުގެ އަމީންޢާންމް މެދުވެރިކުރައްވާ މަޖިލީހަށް އިޢުލާން ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށް މެންބަރުންވަނީ ބަހުސް ކުރައްވާފައެވެ. އަދި ބަހުސް މަރުޙަލާގައި މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެހުމަށްވަނީ ތައްޔާރުވެފައެވެ.

މިއަދުގެ ޖަލްސާއަށް ވަނީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލު މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ އެބިލުގެ ބަހުސް ފައްޓަވާފައެވެ. މިބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމެއްކަމުގައި އެ މެންބަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ޅަފަތުގެ ތަޢުލީމާއި، ތުއްތުކުދިންގެ ތަޢުލީމާއި، ފަށާތަޢުލީމާއި، ސާނަވީތަޢުލީމާއި، މަތީސާނަވީ ތަޢުލީމާއި، މަތީތަޢުލީމު ދިނުމުގެ ހަމަތަކާއި އުޞޫލުތައް ބަޔާންކޮށް ތަޢުލީމުގެ އޮނިގަނޑެއް ކަނޑައަޅައި މިކަމާ ގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެ އޮތުން މުހިންމުކަމުގައި ފެނިވަޑައިގަންވާތީ ހުށަހެޅުވި ބިލެއްކަމުގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 އޮކްޓޯބަރ 2010 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައެވެ.