ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަަ ޖަލްސާ ބާއްވައިފި (04.10.2010)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، ހއ.ހޯރަފުށީ ސީވިއު، ޙުސައިން މުޙައްމަދު މަނިކު 27 ސެޕްޓެމްބަރު 2010 ގައި މަރާލާފައިވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމުގެ ގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަލްފާޟިލް އަޙުމަދު ރަޝީދު ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ.
އަދި މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު މަހިބަދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ރުޤިއްޔާ މުޙައްމަދު ހުށަހަޅައި ދެއްވިއެވެ. މިބިލުގައި ޖަލު ހިންގާނެ ގޮތާއި، ޖަލުގައި ކުށްވެރިން ބައިތިއްބާނެ ގޮތާއި، ޖަލު ހިންގާ މީހުންނަށް ލިބިދޭ ބާރުތަކާއި ކުށްވެރިންނާއިމެދު ޖަލުގައި ޢަމަލުކުރާނޭ ގޮތާއި ކުށްވެރިންނަށް ލިބިދޭ ހައްޤުތަކާއި ޢިނާޔަތްތައް ބަޔާންކޮށްފައިވެއެވެ.
މިޖަލްސާގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލަށް މަޖިލީހުންގެންނެވި އިޞްލާޙުތަކާއެކު އެބިލުވަނީ މަޖިލީހުން ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މ. ހުކުރަދިގެ، އަލްފާޟިލާ މަރިޔަމް ޢަޒުރާ އަޙްމަދު، ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް ފެންނަކަމަށް މަޖިލީހުން ފާސްކުރައްވާ އަދި ހިޔުމަންރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސްކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ދޭލިޔާއާގެ، ޅ.ހިންނަވަރު، އަލްފާޟިލާ ޖީހާން މަޙްމޫދު ހިޔުމަންރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސްކަމަށް ނުފެންނަކަމަށް މަޖިލީހުންވަނީ ފާސްކުރައްވާފައެވެ.
ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާކުރައްވާ އެކުލަވާލައްވާ ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތުގެ ރިޕޯޓު އަލުން ދިރާސާކުރެއްވުމަށް މާލިއްޔަތު ކޮމިޓީއަށް އަނބުރާ ފޮނުއްވުމަށްވެސްް މަޖިލީހުން މިއަދު ވަނީ ފާސްކުރައްވާފައެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 އޮކްޓޯބަރ 2010 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ.