ޖަޕާނަށް ކަނޑައެޅުނު އައުސަފީރު ޖަޕާން – މޯލްޑިވްސް ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕުގެ ރައީސް މޫސާ މަނިކާ ބައްދަލުކުރައްވައިފި

ޖަޕާނަށް ކަނޑައެޅުނު އައު ދިވެހި ސަފީރު އަލްފާޟިލް އަޙްމަދު ޚަލީލް ރައްޔިތުންގެ މަޖިލީހުގައި އުފެދިފައި އޮންނަ ޖަޕާން – މޯލްޑިވްސް ޕާރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ރައީސް ކަމުގައިވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ މިއަދު މެންދުރުފަހު މަޖިލިސްކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހާއި ޖަޕާނުގެ ޕާރލިމަންޓް ކަމުގައިވާ ނެޝަނަލް ޑައެޓް ( National Diet ) ދެމެދު ރަހުމަތްތެރި ކަމުގެ ގުޅުން ބަދަހިކޮށް މަޢުލޫމާތާއި ތަޖްރިބާ ޚިއްސާ ކުރުމުގެ މަޤްޞަދުގައި މަޖިލީހުގައި އުފެދިފައިވާ ގްރޫޕެއްކަމުގައިވާ ޖަޕާން – މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕްގެ ރައީސާއި ޖަޕާނަށް ކަނޑައެޅުނު އައުސަފީރާ ދެމެދު މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގެ ބޭނުމަކީ، ޖަޕާނާއި ރާއްޖެއާއި ދެމެދު އުފެދިފައިވާ ރަޚުމަތްތެރިކަމުގެ ގުޅުން ދެޤައުމުގެ ޤާނޫނުހަދާ މަޖިލިސް މެދުވެރިކޮށް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް މަޝްވަރާކުރެއްވުމެވެ.

މިގޮތުން މަޖިލީހުގައި އުފެދިފައިވާ ފްރެންޑްޝިޕް ގްރޫޕްގެ މަޤްޞަދުތަކާއި ކުރެވޭ މަސައްކަތްތަކާބެހޭގޮތުން މިގްރޫޕްގެ ރައީސް މޫސާ މަނިކު ދިވެހި ސަފީރު އަޙްމަދު ޚަލީލަށް މަޢުލޫމާތު އޮޅުންފިލުވައިދެއްވެވިއެވެ. އަދި ކުރިއަށްއޮތްތާނގައި ރާއްޖޭގައި ފެތުރެމުންދާ ޑްރަގުގެވަބާއަށް ޙައްލެއް ހޯދުމުގައި ޖަޕާނުގެ ތަޖްރިބާ ޚިއްޞާކުރެއްވުމަށް ބޭނުންވާކަމަށާއި މިކަމުގައި ޖަޕާނުގެ އެހީތެރިކަން ލިބޭތޯބައްލަވައި ދެއްވުމަށް އައުސަފީރު އަރިހުން މޫސާ މަނިކް އެނދިވަޑައިގެންނެވިއެވެ. މީގެއިތުރުންވެސް ޖަޕާނުގެ ޕާރލިމަންޓްގައި ފްރެންޑްޝިޕް ގްރޫޕްތަކުން ހަރަކާތްތެރިވާގޮތުގެ މަޢުލޫމާތު ބޭނުންވާކަމަށާއި، ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާ ތަރައްޤީކުރުމުގައި ޖަޕާނުގެ ޕާރލިމަންޓުގެ ފަރާތުން އެހީތެރިކަމާއި ތަޖްރިބާ ޚިއްޞާ ކުރެވޭނެ ގޮތްތައް ހޯއްދެއްވުމުގައި ސަފީރު މެދުވެރިއެއްގެ ދައުރުކުޅުދެއްވަވައި އެހީތެރިވެދެއްވުމަށްވެސް މޫސާ މަނިކު އެނދިވަޑައިގެންނެވިއެވެ.

މިކަންކަމުގެ އިޖާބައިގައި ޖަޕާނަށް ކަނޑައެޅުނު އައު ސަފީރު އަޙްމަދު ޚަލީލް ވިދާޅުވީ ޖަޕާނުގެ ޕާރލިމަންޓާއި ރައްޔިތުންގެ މަޖިލީހާއިދެމެދު ގުޅުންތައް ހަރުދަނާ ކުރެއްވެވޭނެ ގޮތްތައް ހޯއްދެއްވުމުގައި އެހީތެރިވެވަޑައިގެންދެއްވާކަމުގައި ބަޔާންކުރެއްވެވިއެވެ.

2 ޛުލްޙިއްޖާ 1430
19 ނޮވެމްބަރ 2009