ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަަ ޖަލްސާ 4 އޮކްޓޯބަރ 2010 ވާ ހޯމަދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފި (03.10.2010)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ 4 އޮކްޓޯބަރ 2010 ވާ ހޯމަަދުވަހުގެ ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމާއި، ދޫންޏާއި ޖަނަވާރު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމާއި، ޝަރުޢީ ކޯޓުތަކުގެ ބިލަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވުމާއި، ޝަރުޢީ ކޯޓުތަކުގެ ބިލު މަޖިލީހުން ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްއާއި ނާއިބު ރައީސް ޢައްޔަންކުރެއްވުމަށް މަޖިލީހުން ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެއްސެވުމާއި، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާކުރައްވައި އެކުލަވާލައްވާ ނިންމެވި ގޮތުގެ ރިޕޯޓަށް ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވުން ހިމެނެއެވެ.
މި ޖަލްސާ އަޑުއެއްސެވުމަށް ވަޑައިގަތުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެެ.