19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލައްވަންދެން 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވާފައިވާ ގަވާއިދަށް ޢަމަލުކުރައްވަން ނިންމަވައިފި

29 މޭ 2019

Anni News

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެކުލަވާލައްވަން 11 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަންގަވައި، ގަވާއިދު އެކުލަވާލައްވަންދެން 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވާފައިވާ ގަވާއިދަށް ޢަމަލުކުރައްވަން މިއަދު ބޭއްވުނު މިއަދު ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައި، ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރައްވާފައިވާ، ތުޅާދޫ ދާއިރާގެ އިޢްޒަތްތެރި މެންބަރު ޙިސާން ޙުސަޢިން ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގައި ފާސްކުރެވިފައެވެ.

މިއަދުގެ ޖަލްސާގައި، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މިސްޓަރ ނަރެންދްރާ މޯދީ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 3 ޖޫން 2019 ވާ ހޯމަ ދުވަހުގައެވެ.