ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 އެޕްރީލް 2019

_DSC0989

ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޑރ. ސަޢީދު އަލްޝަމްސި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ނިމިގެންދިޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ކުރިއަށްއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ޔޫއޭއީގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

ޔޫއޭއީ ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާ، ރާއްޖެއިން އަބަދުވެސް ދެމުންއަންނަ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ އާއި ޑިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.