19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ ޤާނޫނީ ހުވައިކުރުމުގެ އިންތިޒާމްތަކާއިގުޅޭ

30 އެޕްރީލް 2019

DSC_0119 2

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރެއްވުން 28 މޭ 2019 ވާ އަންގާރަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ވަނީ ނިންމަވާފައެވެ. ހުވާ ކުރެއްވުން އޮންނާނީ 28 މޭ 2019 ވާ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

ހުވާކުރެއްވުމަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ. ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރައްވަންޖެހޭ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވައިކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަންޖެހޭ ކަމެއްކަމުގައި ކަނޑައަޅާފައިވުމާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމާގުޅޭ ކަންކަން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދަނީ އިންތިޒާމުކުރަމުންނެވެ.