29 އެޕްރީލް 2019
މިއަދު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން އެ ބިލު ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު، ކޮމިޓީގެ މުޤައްރިރު ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވިއެވެ. މި ރިޕޯޓާ ގުޅޭގޮތުން 5 މެންބަރަކު ވާހަކަފުޅުދެއްކެވިއެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ އަޣްލަބިއްޔަތުން ކޮމިޓީން ނިންމެވިގޮތަށް މި ބިލު ވަނީ ފާސްކުރައްވާފައެވެ. މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގެންނަވާކަމަށް 20 މެންބަރުން ވޯޓު ދެއްވިއެވެ. އަދި، ވަކި ގޮތަކަށް ވޯޓު ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިއެވެ. ބަހުސްގެ ކުރުމުގެ ވަގުތުގައި 25 މެންބަރުން ބިލާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.
މިއަދުގެ ޖަލްސާ ނިންމާލަމުން، މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު މަސައްކަތްތަކުގެ ޚުލާޞާއެއް ދެއްވަވާފައެވެ. އެގޮތުން، މަޖިލީހުގެ ޖުމްލަ %94 މަސައްކަތްވަނީ ނިންމަވާފައެވެ. ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، 28 މޭ 2014 އިން މިއަދާ ހަމަޔަށް ޖުމްލަ 174 ބިލު އަދި 7 ޤަރާރުގެ މަސައްކަތް ނިންމަވާފައިވެއެވެ. އަދި، ސަރުކާރުން ހުށަހަޅުއްވާފައިވާ 154 މައްސަލައާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 26 މައްސަލައާއި، މެންބަރުން ހުށަހަޅުއްވާފައިވާ 19 މައްސަލަ ނިންމަވާފައިވެއެވެ. އަދި، ދައުލަތުގެ 5 ބަޖެޓް އަދި 1 ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، އެކި މައްސަލަތަކާބެހޭ 151 ރިޕޯޓް ނިންމަވައި، އަދި، ވަޒީރުންނާ 60 ސުވާލު ކުރައްވާފައިވެއެވެ.
މިއަދުގެ ޖަލްސާ ނިންމާލަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރީގެ މަޖިލީހުގެ ރައީސްކަން ކޮށްދެއްވި އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދަށާއި، މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކްއަށާއި، ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނަށާއި، މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށާއި، އަދި އިދާރީ ބޭފުޅުންނަށް، ޚާއްޞަކޮށް މަޖިލީހުގެ އަމީންޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއަށާއި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާއަށާއި، ކުރީގެ އަމީންޢާންމުނަށް، އަދި ކޮމިޓީތަކުގެ ކަންތައްތައް ބަލަހައްޓަވާ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.