ބްރިޓިޝް ހައިކޮމިޝަންގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްއާއި ބައްދަލުކުރައްވައިފި (29.09.2010)

ބްރިޓިޝް ހައިކޮމިޝަނުގެ ވަފްދެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙުމަދު ނާޒިމްއާއި ބައްދަލުކުރައްވައިފިއެވެ.
މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ބްރިޓިޝް ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އަދި ހެޑް އޮފް ޕޮލިޓިކަލް ޓީމް ޑޭވިޑް ބާރޓަން އާއި ބްރިޓިޝް ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޑޮމިނިކް ވިލިއަމްސް އަދި ބްރިޓިޝް ހައިކޮމިޝަންގެ ދިވެހިރާއްޖެއާއި ބެހޭ ޕޮލިޓިކަލް އޮފިސަރ ޝަހްލާ ޢަލީ އެވެ.
މި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެބޭފުޅުންނަށް އޮޅުންފިލުވައި ދެއްވައި ރާއްޖެއަށް އެހީތެރިކަން ބޭނުންފުޅުވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ފަންނީ އެހީތެރިކަން ހޯދިދާނެ ދާއިރާތައް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.
އިނގިރޭސި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވަނީ ދެގައުމުގެ ދެމެދު ގާތް ގުޅުމެއް އޮތްކަން ފާހަގަ ކުރައްވައި، ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ނާއިބު ރައީސްގެ އަރިހުން އޮޅުންފިލުވާފައެވެ.