ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފި

24 އެޕްރީލް 2019

_DSC4787

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ވަނީ މަޖިލީހަށް ބަލައިގަތުމަށް ވަނީ މި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުޞަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެންބަރުންގެ އަޣްލަބިއްޔަތުންވަނީ މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވުމަށް ފާސްކުރައްވާފައެވެ. އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުމަށް ފެނިވަޑައިގަންނަވާކަމަށް 6 މެންބަރުން ވޯޓު ދެއްވިއިރު 1 މެންބަރު ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ބިލުގެ އިބްތިދާއީ ބަހުސްކުރަން ކަނޑައެޅުއްވި ވަގުތުގައި 13 މެންބަރުން ބިލާބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ. ބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު 1 މެންބަރު ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މި ބިލު ދިރާސާކުރެއްވުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި ރިޔާޟް ރަޝީދު ހުށަހަޅުއްވައި، ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޙާމް އަހްމަދު ތާޢީދުކުރެއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށެހެޅުން ފާސްވިއެވެ. އެ ހުށަހެޅުން ފާސްކުރެއްވުމަށް ފެނިވަޑައިނުގެންނަވާކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ.

އަދި، ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ އަދަދު ކަނޑައެޅުއްވުމަށް ދެއްވި ފުރުސަތުގައި، މި ބިލު ދިރާސާކުރެއްވުމަށް 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި ރިޔާޟް ރަޝީދު ހުށަހަޅުއްވައި، ބިލެއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީން ތާޢީދުކުރެއްވި ހުށަހެޅުން 30 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

އެއަށްފަހު، ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުއްރަޙީމް އަބްދުﷲ ހުށަހަޅުއްވައި، ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޙާމް އަހުމަދު ތާޢީދުކުރެއްވި 5 މެންބަރުންގެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާނެ މެންބަރުންގެ ނަންފުޅުތައް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 27 މެންބަރުންގެ އަޣްލަބިއްލަތުންނެވެ. އެ ހުށަހެޅުން ފާސްކުރެއްވުމަށް ފެނިވަޑައިނުގެންނަވާކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.

5 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލުފުށި ދާއިރާގެ ޢިއްޒަތްރި މެންބަރު ރިޔާޟް ރަޝީދާއި ދަނގެތި ދައިރާގެ ޢިއްޒަތްތެރި މެންބަރު އިލްޙާމް އަޙްމަދާއި އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ފަލާޙުއާއި ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއާއި ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ޝިޔާމެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޔާމީން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވެސް އިއްވެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 29 އެޕްރީލް 2019 ވާ ހޯމަ ދުވަހުގައެވެ.