23 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
އެއަށްފަހު، މިއަދުގެ ޖަލްސާގައި 6 ބިލެއް މަޖިލީހުން ބަލައިގަނެ އެ ބިލުތަކާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލު ގައުމީ ތަރައްގީގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއިރު، ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފޮނުއްވީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށެއެވެ. އަދި، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، އަދި ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޤާލީ ޢަދާލަތުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 20 އޮޑިޓް ރިޕޯޓް މަޖިލީހުން ފާސްކުރެއްވިއެވެ. އެ ރިޕޯޓްތައް މަޖިލީހަށް ހުށަހެޅުއްވައިދެއްވީ މާލިއްޔަތު ކޮމިޓީގެ މެންބަރު، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.
މިއަދު ފާސްކުރެއްވި ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ:
1. ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
2. މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
3. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
4. އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
5. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
6. ތަޢުލީމާބެހޭ ޤައުމީ މަޖިލީހުގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
7. އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
8. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
9. ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
10. ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
11. ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް އެންޑް އެނަރޖީއިން ހިންގަމުންދާ “ވެޓްލޭންޑް ކޮންޒަރވޭޝަން އެންޑް ކޮރަލް ރީފް މޮނިޓަރިންގ ޕްރޮޖެކްޓް” ގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
12. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
13. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
14. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
15. ކ. މާފުށި ޖަލުގެ ވަށައިގެން ފެންސް ޖެހުމާއި ގޭޓް ހައުސް ހެދުމުގެ މަޝްރޫޢާ ގުޅޭ ޚާޢްޞަ އޮޑިޓް ރިޕޯޓު
16. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
17. އިލެކްޝަންސް ކޮނިޝަނުގެ 2011 އަދި 2012 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
18. އިލެކްޝަންސް ކޮމިޝަނުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
19. ސިވިލް ސަރވިސް ކޮމިޝަނުގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
20. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 24 އެޕްރީލް 2019 ވާ ބުދަ ދުވަހުގައެވެ.