ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ މިއަދު ބާއްވައިފި

22 އެޕްރީލް 2019

_DSC4382

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ، 4 ބިލެއްގެ ފުރަތަމަ ކިޔުން އިއްވެވުމެވެ. މީގެ ތެރޭގައި ހިމެނެނީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަހަޅުއްވާފައިވރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލާއި (ބިލު ނަންބަރު: ބ/2019/18)، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލާއި (ބިލު ނަންބަރު: ބ/2019/19)، އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި 4 ބިލެއް މަޖިލީހުން ބަލައިގަނެ އެ ބިލުތަކާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. އެގޮތުން، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލު އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއިރު، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފޮނުއްވީ އިޤްތިސާދީ ކޮމިޓީއަށެވެ. އަދި، ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހަޅުއްވާފައިވާ، މުދާގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު އިޤްތިސާދީ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިއެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 3 ރިޕޯޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 15 އޮޑިޓް ރިޕޯޓް މަޖިލީހުން ފާސްކުރެއްވިއެވެ.

މިއަދު ފާސްކުރެއްވި ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ:

1. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
2. ” ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް (ސީ.އެން.އެސް)” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
3. ” ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް ޓު ޖެނެޓިކް ރިސޯސަސް އެންޑް ދަ ފެއަރ އެންޑް އިކުއިޓެބްލް ޝެއަރިން އޮފް ބެނެފިޓްސް އެރައިޒިންގ ފްރޮމް ދެއަރ ޔުޓިލައިޒޭޝަން ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
4. “ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
5. ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
6. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމެންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
7. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
8. ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
9. މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
10. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
11. އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
12. މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
13. އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
14. އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
15. އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2011 އަދި 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
16. މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
17. މޯލްޓިވްސް ކަސްޓަމްސް ސަރވިސްގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
18. ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 23 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގައެވެ.