ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

17 އެޕްރީލް 2019

_DSC7578

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރެއްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައެވެ.

އޭދަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލު ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް 12 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓުދެއްވަންބޭނުންފުޅުނުވާ 2 މެންބަރުން ތިއްބެވިއެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 4 އޮޑިޓް ރިޕޯޓް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރެއްވިއެވެ.

މިއަދު ފާސްކުރެއްވި ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ:

1. ވޯލްޑް ބޭންކް ލޯނު އެހީގެ ދަށުން ހިންގަމުންދާ “މޯލްޑިވްސް އެންވަޔަރަމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް” ގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
2. މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ 2009 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
3. މޯލްޑިވްސް ސިވިލް އޭ ވިއޭޝަން އޮތޯރިޓީގެ 2012 އަދި 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު
4. ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ ގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 22 އެޕްރީލް 2019 ވާ ހޯމަ ދުވަހުގައެވެ.