ފަލަސްޠީނު ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

15 އެޕްރީލް 2019

_DSC6555

ފަލަސްޠީން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި އާ ސަފީރު ހިޒް އެކްސަލަންސީ ވަލީދު އޭ. އެމް. އަބޫޢަލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި ގާތް އުޚުވަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެދެމެދު ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ފަލަސްޠީނަކީ ދިވެހިންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހީން އަބަދުވެސް ތާއީދު ކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވާ، ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް ދެމުންއަންނަ އެއްބާރުލުމަށްޓަކައި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.