ޖަޕާން ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

31 މާރިޗު 2019

_DSC5711

ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ކެއިކޯ ޔަނައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާންއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޖަޕާނަކީ ވަރަށް ކުރީއްސުރެ ރާއްޖެއާއި ވަރަށް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް ބާއްވަވާ ޤައުމެއްކަމަށާއި، އަދި ހަމައެހެންމެ ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް ގިނަގުނަ އެހީތަކެއް ވެދެއްވާ ޤައުމެއްކަމަށް ވިދާޅުވިއެވެ.

ޖަޕާނު ސަރުކާރުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ޕާލަމެންޓްގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށާއި، ދެޤައުމުގެ މަޖިލީހުގެ ފެންވަރުގައިވެސް ކުރިއަށްއޮތްތަނުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އެކުވެރި ރަޙުމަތްތެރި ގުޅުންތައް އާލާކުރެއްވުމަށް ކޮށްދެއްވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ އަދި ޑިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.