ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައިތިބޭ މީހުން މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/11 ޤަޟިއްޔާ (22 މޭ 2017) އިން ކުރައްވާފައިވާ ޙުކުމް މުރާޖަޢާކޮށްދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން އިސްތިޝާރީ ލަފަޔަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވިދާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެ މައްސަލައިގައި ގޮތެއް ނިންމެވުމުގެ މައްސަލައެވެ. މި މައްސަލައާ ގުޅޭގޮތުން 9 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިވަޑައިގެންނެވުމަށް ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްވެސެވުމުން، އެހުށެހެޅުއްވުން ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 3 މެންބަރުންނެވެ. އަދި އެހުށަހެޅުއްވުން ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 30 މެންބަރުން ވޯޓު ދެއްވިއެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހުރިއްޔާއަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން ސިޓީ ކައުންސިލްގެ ބާރުތައް އަލުން ކަނޑައެޅުއްވުމާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރައްވައި، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުއްވިއެވެ. މި ރިޕޯޓާ ގުޅޭގޮތުން 2 މެންބަރަކު ވާހަކަފުޅުދެއްކެވިއެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާޤުން ކޮމިޓީން ނިންމެވިގޮތަށް މި ރިޕޯޓުވަނީ ފާސްކުރައްވާފައެވެ.