ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާ މިއަދު ބާއްވައިފި

18 މާރިޗު 2019
_DSC4897

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ، ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، “ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށާއި، 177 ވަނަ މާއްދާއާއި، 178 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށެހެޅުއްވިއެވެ. މި އިޞްލާޙާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު އެބޭފުޅުންގެ މަޝްވަރާއާ އެއްގޮތަށް މި އިޞްލާޙަށް ވޯޓަށް އެއްސެވުން ފަސްކުރެއްވިއެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކުރައްވާފައެވެ. މި އިޞްލާޙު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިޞްލާޙު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ 3 މެންބަރުން ތިއްބެވިއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 މާރިޗު 2019 ވާ އަންގާރާ ދުވަހުގައެވެ.