އެމެރިކާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފި

13 މާރިޗު 2019

1

އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އަލައިނާ ޓެޕްލިޓްޒް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކިދާއިރާތަކުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ އަލައިނާ ޓެޕްލިޓްޒް ދެއްކެވި ވަހަކަފުޅުގައި، ރާއްޖެއާއި އެމެރިކާ ދެމެދު އޮތް ރަޙުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާ ސަރުކާރުން ކުރަމުންދާ ބައެއް މުހިއްމު މަސައްކަތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.