އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލްފާޟިލް އިސްމާޢީލް ޙަބީބުގެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފި

6 މާރިޗު 2019

1520333950

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލްފާޟިލް އިސްމާޢީލް ޙަބީބުގެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރ 8/2008) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ ގޮތަށް، އެ ނަންފުޅުތަކަށް ވޯޓަށް އެއްސެވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އަލްފާޟިލް އިސްމާޢީލް ޙަބީބު، ހ. ނީޓް ޢައްޔަންކުރެއްވުމާމެދުގައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލްފާޟިލް އިސްމާޢީލް ޙަބީބު ޢައްޔަންކުރެއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.

އަލްފާޟިލް އިސްމާޢީލް ޙަބީބުގެ ނަންފުޅު ފާސްވުމާއި ގުޅިގެން ދެން ހުރި ނަންފުޅުތަކަށް، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ވޯޓަށް އައްސަވާފައެއްނުވެއެވެ.