މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އާ ސުވާލު ކުރައްވައިފި

5 މާރިޗު 2019

_DSC6119 Ed

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ އާ ސުވާލުކުރައްވައިފިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު އެއްސެވީ، ރައީސް ޔާމީންގެ ސަރުކާރުގައި އިފްތިތާޙުކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން އެ ފްލެޓްތައް ލިބޭނެކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7000 ދެ ކޮޓަރީގެ ފްލެޓް އާއި މަސައްކަތް ނުފަށާފައިވާ 2500 ދެ ކޮޓަރީގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރަށް ޙަވާލާދީ މީޑިއާގައި ޚަބަރު ފެތުރާފައިވާތީ އެއީ ޙަޤީޤަތެއްތޯއާއި އެހެންކަމަށްވާނަމަ އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ވާނީ ކިހިނެއްތޯއެވެ.

މިނިސްޓަރާކުރެއްވި ސުވާލަށް މިނިސްޓަރ ޖަވާބު ދެއްވިއެވެ. އަދި އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބު ދެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ ނިޒާރު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޖަމްޢިއްޔާ ތަކުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށުމަށްޓަކައި  ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެއްސެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ އިއްތިފާޤުން މި ދެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށުމަށް ފާސްކުރެއްވިއެވެ. ޖަމްޢިއްޔާ ތަކުގެ ބިލާއި ގުޅޭގޮތުން 11 މެންބަރުން އަދި  ކުޑަކުދިންގެ ޢަދުލުގެ ބިލާ ގުޅޭގޮތުން 5 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

އަދި މި ދެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ފާސްކުރެއްވިއެވެ. ޖަމްޢިއްޔާތަކުގެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ. ކުޑަކުދިންގެ ޢަދުލުގެ ބިލުގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ(ށ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި  ނިންމެވިގޮތުގެ ރިޕޯޓް ހުށެހެޅުއްވިއެވެ. ނަމަވެސް ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އަދި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާގުޅޭ ކޮމިޓީގެ މެންބަރު، ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެކަން ބެއްލެވުމަށްޓަކައި މިއަދުގެ ޖަލްސާގައި އެރިޕޯޓަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.