މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލު ކުރައްވައިފި

04 މާރިޗު 2019

_DSC5356

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައި، މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޠާރިޤް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާ ސުވާލުކުރައްވައިފިއެވެ.

މަހިބަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އެއްސެވީ، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ ޤާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމަތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި، ދިވެހިރާއްޖޭގެ ކަނޑާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުންކަމަށް ވީހިނދު، މިނިސްޓަރު ކަމުގެ މަޤާމުގައި ހުރެ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ފާޅުކުރައްވަމުންދާ ސިޔާސަތުތަކުން ނުވަތަ ވާހަކަފުޅުތަކުން، އިސްވެ ދެންނެވުނު ޒިންމާތައް އަދާކުރެވޭ ކަމަށް ދެކެވަޑައިގަންނަވަމުތޯ އެވެ.

މިނިސްޓަރާކުރެއްވި ސުވާލަށް މިނިސްޓަރ ޖަވާބު ދެއްވިއެވެ. އަދި އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބު ދެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެޔޮދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ ނިޒާރު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޖަމްޢިއްޔާ ތަކުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވެވުންއޮތެވެ.

އަދި، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުالله ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވިއެވެ. ބަހުސްގެ ކުރުމުގެ ވަގުތުގައި މެންބަރުން ބިލާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި 5 މެންބަރުންގެ ވަގުތީ ކޮމިޓީން އެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް، ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝަރީފު ހުށެހެޅުއްވިއެވެ. ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެންބަރުން ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ވަގުތީ ކޮމިޓިން އެ ބިލު ދިރާސާކުރައްވައި ނިންމެވި ގޮތަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާޤުން ބިލު ވަނީ ފާސްކުރައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 މާރިޗު 2019 ވާ އަންގާރަ ދުވަހުގައެވެ.