ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

27 ފެބުރުވަރީ 2019

_DSC4897

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވަނީ ފާސްކުރައްވާފައެވެ. މިއަދުގައި ޖަލްސާގައި ފުރަތަމަ އޮތީ މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހުމެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 21 މެންބަރުންގެ އަޣްލަބިއްޔަތުންވަނީ މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި އިބްތިދާއީ ބަހުސް ފެށުމަށް ފެނިވަޑައިނުގަންނަވާކަމަށް 6 މެންބަރުން ވޯޓު ދެއްވިއެވެ.

ބިލުގެ އިބްތިދާއީ ބަހުސްގައި 16 މެންބަރުން ބިލާބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ. އަދި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓުދެއްވަންބޭނުންފުޅުނުވާ 6 މެންބަރުން ތިއްބެވިއެވެ.

ބިލުގެ ބަހުސް މަރުހަލާގައި މި ބިލު ދިރާސާކުރެއްވުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟު ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އަޣްލަބިއްޔަތުން ހުށަހެޅުން ފާސްވިއެވެ. ވަގުތީ ކޮމެޓީއަށް ބިލުފޮނުވުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓު ދެއްވިއެވެ. ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ 3 މެންބަރުން ތިއްބެވިއެވެ.

އެއަށްފަހު، ބިލު 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟު ރަޝީދު ހުށަހަޅުއްވައި، ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސެއިންމަނިކު ތާޢީދުކުރެއްވި ހުށަހެޅުން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އަޣްލަބިއްލަތުންނެވެ. 5 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ވޯޓު ދެއްވަންބޭނުންފުޅުނުވާ 8 މެންބަރުން ތިއްބެވިއެވެ.

05  މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ ޢިއްޒަތްރި މެންބަރު އިލްހާމް އަޙްމަދާއި ކެލާ ދައިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފާއި ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދާއި ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރާއި މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝަރީފުއެވެ.

މިއަދުގެ ޖަލްސާގައި، “ފްރޭމްވަރކް އެގްރީމަންޓް ފޮރ އެސްޓެބްލިޝިންގ އިންޓަރނޭޝަނަލް ސޯލަރ އެލައިންސް” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު، ކޮމިޓީގެ މުޤައްރިރު ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހެޅުއްވިއެވެ. އަދި ކޮމިޓީން ނިންމެވިގޮތަށް މި ރިޕޯޓުވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

މީގެ އިތުރުން، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު ދިރާސާކުރެއްވި ކޮމެޓީން ނިންމެވިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ކޮމެޓީގެ ބައެއް މެންބަރުން ހުށަހެޅުއްވި މައްސަލަތަކާ ގުޅިގެން އެކަން ބެއްލެވުމަށްޓަކައި މިއަދުގެ އެޖެންޑާއިން އެ މައްސަލަ ވަނީ ނަންގަވާފައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 04 މާރިޗު 2019 ވާ ހޯމަ ދުވަހުގައެވެ.