ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު ބާއްވައިފި

25 ފެބުރުވަރީ 2019

_DSC4029

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި “ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓެބްލިޝިންގެ އިންޓަރނޭޝަނަލް ސޯލަރ އެލައިންސް” ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު  9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި، ޤާނޫނު ނަންބަރު 11/2008  (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

އެއަށްފަހު، ދެން ޖަލްސާގައި އޮތީ، އޭދަފުށި ދައިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމެވެ. މި ބަހުސްގައި 9 މެންބަރުން ބައިވެރިވެވަޑައިގެން ބިލާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދާއި ހުޅުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މޫސާ މަނިކާއި ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދާއި ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރާއި ތިނަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދުﷲ ޙިލްމީއާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ދިދީއާއި ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ޖަލްސާގައި މިބިލު ބަލައިގަތުމަށް، ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާޤުންނެވެ.

މިބިލު 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުއްވުމަށް، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު ހުށެހެޅުވި ހުށެހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ޖަލްސާއަށް ހާޒިރުވެވަޑައިގެންވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ. އެގޮތުން ދަނގެތި ދައިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު ހުށަހަޅުއްވައި، ތ. ގުރައިދޫ ދައިރާގެ ޢިއްޒަތްތެރި މެންބަރު  ޙުސެއިންމަނިކު ދޮންމަނިކު ތަޢީދުކުރެއްވި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންފުޅުތައް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެންބަރުންގެ އިއްތިފާޤުންނެވެ.

7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ފޮނަދޫ ދައިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއާއި ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟު ރަޝީދާއި ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރާއި މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝަރީފާއި ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޒާރުއާއި ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޝާހްއާއި ތ. ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިންމަނިކު ދޮންމަނިކުއެވެ.

އަދި ޤާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށެހެޅުއްވިއެވެ. ރިޕޯޓް ހުށެހެޅުއްވީ ކޮމިޓީގެ ނައިބު މުޤައްރިރު ވައިކަރަދޫ ދާއިރާގެ ޢިއްޒަތްތެރި މުޙައްމަދު ނާޘިމްއެވެ. ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެންބަރަކު ބަހުސްކުރެއްވުމަށް އެދިވަޑައިގެންފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ މިބިލު އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު، އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް ވަނީ ފާސްކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިމްތިތާޒު ފަހުމީ ހުށަހަޅުއްވާފައިވާ މިބިލު އަނބުރާ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވީ 1 މެންބަރެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރު 2018ގެ ފަހުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށެހެޅުއްވިއެވެ. މި ރިޕޯޓު ހުށަހެޅުއްވީ ކޮމެޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދެވެ. ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް މެންބަރަކު އިތުރަށް ބަހުސް ކުރެއްވުމަށް އެދިވަޑައިގެންފައެއްނުވެއެވެ. މިގޮތުން، 17 ނޮވެންބަރު 2018ގެ ފަހުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށްވަނީ ފާސްކުރައްވާފައެވެ. މި ރިޕޯޓް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި، ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލާއި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އެޖެންޑާ ކުރެއްވިއެވެ. ނަމަވެސް މިދެބިލަށް ވޯޓަށް އެއްސެވުމަށް ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން އެވަގުތު ޖަލްސާގައި ހާޒިރުވެވަޑައިގެން ނެތުމުން ވޯޓަށް އައްސަވާފައެއް ނުވެއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 26 ފެބުރުވަރީ 2019 ވާ އަންގާރާ ދުވަހުގައެވެ.