ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފި

12 ފެބުރުވަރީ 2019

_DSC3573

ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޯޑް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޖަރުމަންވިލާތާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޖަރުމަންވިލާތަކީ މުހިއްމު ޤައުމެއްކަން ފާހަގަކުރައްވާ، އެޤައުމުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކާއި ބައްދަލުވުމުންތަކުގައި ބައިވެރިވާ ދިވެހީންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާފައިވާތީ، އެކަމަށްޓަކައި ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޯޑާއި ޖަރުމަން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުން ސަފީރަށް މަޢުލޫމާތު އަރުވާފައެވެ.
ޖަރުމަނުވިލާތުގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޯޑް، ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ޖަރުމަނު ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވާ، ރާއްޖެއާ ޖަރުމަނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.