ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވައިފި

07 ފެބުރުވަރީ 2019

_DSC3011b

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވައިފިއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި މިޖަލްސާގައި، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވިއެވެ. މިގޮތުން، އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލެއްވިއެވެ.

ރިޔާސީ ބަޔާން އިއްވަވާދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ހެނދުނު 10 ޖެހިއިރު ބޭއްވި މިޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަރުބާރުގެއަށް ވަޑައިގަތުމުން އެދެކަނބަލުންނަށް އިސްތިޤުބާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ ދެކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގެއަށް ވަދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ފަރާތުން ޝަރަފުގެ ގާޑެއް އެރުވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އިތުރުން، ދައުލަތުގެ ޢިއްޒަތްތެރިންނާއި ބޭރު ޤައުމުތަކާއި ޖަމާޢަތްތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.