ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފި

31 ޖެނުއަރީ 2019

_DSC2565

ދިވެހިރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެންބަރުކަން ދިނުމާއި ގުޅޭގޮތުން، އެސެސްމަންޓެއް ހެދުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ، ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ކޮމަންވެލްތުގެ ވަފުދަށް މަރުޚަބާ ވިދާޅުވެ ރައްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ކުރަމުންދާ މަސައްކަތަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާ ވަހަކަ ދެއްކެވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ދެއްކެވި ވަހަކަފުޅުގައި 53 މެންބަރު ޤައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހީތަކާއި އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ދެންވެސް ރާއްޖޭގެ ތަރައްޤީގައި ކޮމަނަވެލްތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތު ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އެޑްވައިޒަރ އަދި ކޮމަނެވެލްތު ސެކްރެޓޭރިއެޓްގެ އޭޝިއާ/ޔޫރަޕް/ކެރީބިއަން/ޕެސިފިކް ސަރަޙައްދުތަކާއިބެހޭ ވެރިޔާ މިސްޓަރ އަލްބަރޓް މެރީނާ ދެއްކެވި ވާހަކަފުޅުގައި، ރައްޖެއަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިން ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.