ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ޓެލެކާސްޓުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

30 ޖެނުއަރީ 2019

_DSC2365

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ޓެލެކާސްޓުކުރުމާ ގުޅޭގޮތުން، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މޭނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަމީމާއި ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް އިބްރާހީމް ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތެއްގައެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ޕީއެސްއެމްގެ މަޖިލިސް ޓީވީ މެދުވެރިކޮށް ދެއްކުމާއިބެހޭ ގޮތުން ފުޅާދައިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ޖަލްސާތަކާއި ބައްދަލުވުންތައް ވަގުތުން ދެއްކުމުގައި މިހާރު ދިމާވާ ބައެއް ގޮންޖެހުންތަކާއި އެކަންކަން ޙައްލު ކުރާނެގޮތްތަކާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ވީހާވެސް ބޮޑަށް މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ މީޑިއާއާ ރައްޓެހި ތަނަކަށް ހަދާ، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތަފުސީލު ދެއްވިއެވެ. މިގޮތުން މަޖިލީހުގެ ޖަލްސާތައް ޓެލެކާސްޓު ކުރުމަށް މިހާރު ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި މަޖިލީހުގެ އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީއެސްއެމްގެ މަޖިލިސް ޓީވީ މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ، އެމަސައްކަތް ކުރަން ޕީއެސްއެމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި، ޕީއެސްއެމުން ހިންގާ މަޖިލިސް ޓީވީއިން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ވަގުތުން ދެއްކުމުގެ އިތުރުން މަޖިލިސް ޓީވީއަށް ބޭނުންވާ ބައެއް ކޮންޓެންޓު އުފެއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި މީޑިއާ ޑިިރެކްޓަރ އަލްފާޞިލް ޙަސަން ޒިޔާޢު ބައިވެރިވެވަޑައިގެންނެވިއެވެ.