ސީ.ޕީ.އޭ. ގެ 56 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ފުރާވަޑައިގެންފި (13.9.2010)

ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާ ނުވަތަ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) ގެ 56 ވަނަ އަހަރީ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދު މާލޭން ފުރާވަޑައިގަންނަވައިފިއެވެ.
ކެންޔާގެ ނައިރޯބީގައި މިސެޕްޓެމްބަރމަހުގެ 14 ން 18ށް ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލީހުގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ. އެމަނިކުފާނުގެ އިތުރުން ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު އަދި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަން އެންޑް ޕްރޮޓޮކޯލް އަލްއުސްތާޛާ ޝަޒުރާ ޢަބްދުލް ސައްތާރުއެވެ.
ސީ.ޕީ.އޭ.ގެ އަހަރީ ޢާންމު ބައްދަލުވުމުގެ ތެރޭގައި ކުދިޤައުމުތަކުގެ ވަފުދުތަކަށް ޚާއްޞަ ކުރެވިގެން މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ކޮންފަރެންސެއްވެސް މިސެޕްޓެމްބަރމަހުގެ 11 ން 18 ށް ނައިރޯބީގައި ކުރިއަށްދާނެއެވެ. މިކޮންފަރެންސްގައި އަލްއުސްތާޛާ ޝަޒުރާ ޢަބްދުލް ސައްތާރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
1948 ވަނަ އަހަރު އުފެދުނު ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) ގައި 2000 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ބައިވެރިވިފަހުން، އެ ޖަމްޢިއްޔާގެ ޙަރަކާތްތަކުގައި ރައްޔިތުންގެ މަޖިލިސް އަންނަނީ ބައިވެރިވަމުންނެވެ. އަދި ސީ.ޕީ.އޭގެ މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކޮށް ޤާނޫނުހަދާ މަޖިލިސްތަކުގެ ކުރިމަތީގައިވާ މައްސަލަތަކާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭ އަހަރީ ޢާންމު ބައްދަލުވުންތަކުގައި ޚާއްޞަގޮތެއްގައި ރައްޔިތުންގެ މަޖިލިސް ބައިވެރިވާކަން ފާހަގަކުރެވެއެވެ.