މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2019

_DSC0348

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން، އެ އިންޑަސްޓްރީ ތަމްސީލް ކުރައްވާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާ މަޝްވަރާ ކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް އަލްފާޟިލް ޢަބްދުﷲ މުޙައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާޙީމްގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ. ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް އަލްފާޟިލް ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަރުޚަބާ ވިދާޅުވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަޢުލޫމާތު އެރުވިއެވެ.