22 ޖެނުއަރީ 2019
ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާޙީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކިއުބާއާ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރުމާއި ގުޅޭގޮތުން ކިއުބާ ސަފީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ.
މި ދެބޭފުޅުން ކުރެއްވި މަޝްވަރާ ތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި ކިއުބާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން ކިއުބާގެ އެހީތެރިކަން ރާއްޖެއަށް ހޯދޭނެ ގޮތްތަކާއިބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ކިއުބާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް ދެއްކެވި ވަހަކަފުޅުގައި، ރާއްޖެއާއި ކިއުބާއާ ދެމެދު އޮތް ރަޙުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ކިއުބާ ސަރުކާރުން ކުރަމުންދާ ބައެއް މުހިއްމު މަސައްކަތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.