ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އިނގިރޭސި ސަފީރު މަޝްވަރާ ކުރައްވައިފި

20 ޖެނުއަރީ 2019

_DSC0257

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާޙީމްއާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ޖޭމްސް ޑޯރިސް މަޝްވަރާ ކުރައްވައިފިއެވެ. މި ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ، އިނގިރޭސި ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް މަރުޚަބާ ވިދާޅުވިއެވެ. އަދި ދިވެހިންނަށް ފަސޭހައިން އިނގިރޭސި ވިސާ ލިބޭނެގޮތް ހައްދަވާފައިވާތީ، އެކަން ފާހަގަކުރައްވާ އިނގިރޭސި ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުން ސަފީރަށް މަޢުލޫމާތު އަރުވާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ޖޭމްސް ޑޯރިސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.