16 ޖެނުއަރީ 2019
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާޙީމްއާއި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔަ މަޝްވަރާ ކުރައްވައިފިއެވެ. މި ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ، ސްރީލަންކާގެ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ، ކުރިއަށްއޮތްތަނުގައި ގުޅުން އިތުރު ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހިކަންމަތީ ދެމެހެއްޓުމަށް ސަފީރު ތޮރަޑެނިޔަ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ލަންކާގެ ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ސްރީލަންކާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔަ ދެއްކެވި ވަހަކަފުޅުގައި، ޒަމާނުއްސުރެ ރާއްޖެއަކީ ލަންކާ ރައްޔިތުންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށް ވިދާޅުވިއެވެ. އަދި ލަންކާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވަރަށް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވާ، ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ. އަދި މިކަމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބަރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.