ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

9 ޖެނުއަރީ 2019

_DSC9891

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަރިހަށް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ އަކިލޭޝް މިޝްރާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާ ކުރައްވަމުން ގެންދާވާ މަސައްކަތްޕުޅު ފަހަގަކުރައްވާ އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، އިންޑިޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިންޑިޔާ ސަފީރު ހިޒް އެކްސަލަންސީ އަކިލޭޝް މިޝްރާގެ ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިޔާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެންނެވިއިރު، ދިވެހިންގެ މެހުމާންދާރީގެ ފުރިހަމަކަން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި ސަރީފު ވަޑައިގެންނެވި ރަށްރަށުގެ ވެރިންނާއި ރައްޔިތުން ބެހެއްޓެވި ގާތްކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.