ކޮމަންވެލްތްގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއާ ކޮމަންވެލްތާ އަލުން ގުޅުން ޤާއިމު ކުރުމުގެ މައްސަލަ، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ 2 ވަނަ ނަންބަރު ގައި ވަނީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ސޮއިކޮށް، ތަޞްދީޤުކުރުމެވެ.

27 ރަބީޢުލްއައްވަލް 1440
5 ޑިސެންބަރު 2018