ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި. ޕީ. ޔޫ.) ގެ ސެކްރެޓަރީ ޖެނެރަލްއާ މިއަދު ބައްދަލުކުރައްވައިފި

IMG_2342

މިހާރު ޖެނީވާގައި ކުރިއަށްދާ “އެނުއަލް ސެޝަން އޮފް ދަ ޕާލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިޔު. ޓީ. އޯ.” ގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު މިއަދުގެ ވަގުތެއްގައި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި. ޕީ. ޔޫ.) ގެ ސެކްރެޓަރީ ޖެނެރަލް މރ. މާޓިންގ ޗުންގޮންގއާ ބައްދަލުކުރައްވައިފިއެވެ.

ޖެނީވާގައި ހުންނަ ޑަބްލިޔު. ޓީ. އޯ. ގެ މައިއިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އައި. ޕީ. ޔޫ. އިން ކުރިއަށް ރާވާފައިވާ ބައްދަލުވުންތަކާއި، މަޖިލީހަށާއި މަޖިލީހުގެ އިދާރާއަށް އައި. ޕީ. ޔޫ. ގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ޢަލީ ޙުސައިން ބައިވެރިވެވަޑައިގަތެވެ.

29 ރަބީޢުލްއައްވަލް 1440
07 ޑިސެންބަރު 2018