“އެނުއަލް ސެޝަން އޮފް ދަ ޕާލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯ” ގައި މަޖިލީހުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންފި

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންގެ ފަރާތުން އިންތިޒާމު ކޮށްގެން ޑިސެންބަރު މަހު 6 ން 7 އަށް، ޖެނީވާގައި ބޭއްވޭ “އެނުއަލް ސެޝަން އޮފް ދަ ޕާލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯ” ގައި ބައިވެރިވެވަޑައިގެންވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާ މަނިކު މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޙުސައިން ވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ. މިކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން(ޑަޕްލިޔު.ޓީ.އޯ)ގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ދުނިޔޭގެ ޤާނޫނު ހަދާ މަޖްލިސް ތަކުން އަދާކުރެވިދާނެ ދައުރާ ގުޅޭ ގޮތުންނެވެ.

27 ރަބީޢުލްއައްވަލް 1440
05 ޑިސެންބަރު 2018