ޖަލްސާގެ ނިޒާމުގެއްލި މަޖިލިސް ނިންމަވާލައްވައިފި (30 އޯގަސްޓް 2010)

މިރޭ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 36 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލުގެ ރިޕޯޓްގެ ބަހުސްގެ މަރުޙާނިލި ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ވޯޓަށް އައްސަވަމުން ގެންދަވަނިކޮށް މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލި ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވި ޖަލްސާ ނިންމަވާލައްވައިފިއެވެ. މިރޭގެ ޖަލްސާ ނިންމަވާލެއްވި އިރު  ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވާ 2 ނަންފުޅު ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އެރިޕޯޓަށް ބަހުސްނިންމަވާލައްވާ ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. އަދި  ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކުރައްވާ / އެކުލަވާލައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އެރިޕޯޓަށް ބަހުސްނިންމަވާލައްވާ ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން މީގެން އެއްވެސް ކަމަކަށް މިރޭގެ ޖަލްސާގައި ވޯޓަށް އަހާފައެއްނުވެއެވެ.

މިރޭގެ ޖަލްސާގައި ވޯޓުގެ ވަގުތުގައި ވޯޓަށް ހަމައެކަނި އަހާފައިވާ ބިލު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހުންވަނީ ބަލައިގަތުމަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކުރައްވާފައެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން މިބިލް އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށްވަނީ ފޮނުއްވާފައެވެ.

70 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.