ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 36 ވަނަ ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެ (30.8.2010)

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 36 ވަނަ ޖަލްސާ މިރޭ (30 އޯގަސްޓް 2010 ވާ ހޯމަ ދުވަހު) 2130 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިޖަލްސާއަށް އެޖެންޑާކުރެވިފައިވާ ކަންކަމުގެ ތެރޭގައި ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަންކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމާއި، ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ) ގެ 10 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކުރައްވާ / އެކުލަވާލައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމަވާފައިވާ ޝަރުޢީ ކޯޓުތަކުގެ ބިލުގެ ރިޕޯޓްކުރުމުގެ މަރުޙަލާ ކުރިއަށް ގެންދުވުމާއި އަދި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެއްސެވުން ހިމެނެއެވެ.