ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޖަޕާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރމަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC5163ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް ޖަޕާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރމަން ހިޒް އެކްސަލަންސީ މރ. ވަޓަރު ޓަކޭޝިކާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މަޖިލީހަށާއި މަޖިލީހުގެ އިދާރާއަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރަށް، މޯލްޑިވްސް-ޖަޕާން ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ޖަޕާންގެ ޤާނޫނުހަދާ މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު ބައިވެރިވެވަޑައިގަތެވެ. ޗެއަރމަންގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ޖަޕާންގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު މރ. މަސަޔޯޝީ ޔޮޝީނޯ އާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލަންސީ މރ. ކަޒޫމީ އިންދޫ އެވެ.

ހިޒް އެކްސަލަންސީ މރ. ވަޓަރު ޓަކޭޝިކާ ރާއްޖެވަޑައިގަތީ ޖަޕާންގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

10 ރަބީޢުލްއައްވަލް 1440
18 ނޮވެންބަރު 2018