ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އިންތިޚާބު ކުރައްވައިފި

_DSC3770މިއަދު އޮތް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާ ގައި، ޤާނޫންއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވައިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އިންތިޚާބު ކުރައްވައިފިިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށްޓަކައި ނެގުނު ސިއްރު ވޯޓު ގައި ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން، 62 މެންބަރުންގެ އަޣްލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެވެ. މިއިންތިޚާބަށް ހުށަހެޅުނު އަނެއް މެންބަރުކަމުގައިވާ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ލިބިވަޑައިގަތީ 16 މެންބަރުންގެ ވޯޓެވެ.

މަޖިލީހުގެ ރައީސް އިންތިޚާބު ކުރެއްވުމުގެ ކަންތައްތައް ބަލަހައްޓަވާދެއްވީ މަޖިލީހުން އިންތިޚާބުކުރެއްވި 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި ހިމެނިވަޑައިގެންނެވީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް، ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމްއެވެ.

82 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.

23 ޞަފަރު 1440
1 ނޮވެންބަރު 2018