ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އެމެރިކާގެ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC5222ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނއަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ މިސް އެލައިނާ ޓެޕްލިޒް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މަޖިލީހަށާއި މަޖިލީހުގެ އިދާރާއަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރަށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުންނާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޢާންމު އިންތިޚާބާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކުއާއި، މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިއުޝާ ބައިވެރިވެވަޑައިގަތެވެ.
ހަރ އެކްސަލަންސީ މިސް އެލައިނާ ޓެޕްލިޒް ރާއްޖެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.

10 ރަބީޢުލްއައްވަލް 1440
18 ނޮވެންބަރު 2018