ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ އަލްފާޟިލް ފައިސަލް ނަސީމް އެބޭފުޅުންގެ މަޤާމުގެ ޤާނޫނީ ހުވައި ކުރައްވައިފި

މި އަހަރުގެ ސެޕްޓެންބަރު މަހު ގެ 23 ވަނަދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔަކަމަށް އިންތިޚާބުވެވަޑައިގެންނެވި އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ އަލްފާޟިލް ފައިސަލް ނަސީމް 2018 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ޤާނޫނީ ހުވައިކުރެއްވީ މިއަދު ހަވީރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.
66 މެންބަރުން ހާޟިރުވެވަޑައިގެންނެވި އަދި މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް ރިޔާސަތު ބެލެހެއްޓެވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ ހުވައިލައިދެއްވެވީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ވާގޮތުގެމަތިން، އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲދީދީ އެވެ. ހުވައިކުރެއްވުމަށްފަހު ދެބޭފުޅުންވެސް ހުވައިގެ އިގްރާރުގައި ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައިކުރެއްވުމާ ގުޅިގެން 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ބަޑިޖަހައި ނިމުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ބޭންޑުގައި ޤައުމީ ސަލާމް ކުޅެވުނެވެ.
ދިވެހި އެތައް ހާސް ޖަލީސުންނަކާއި ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމު ކޮށްފައިވާ ރަހުމަތްތެރި އެތައް ޤައުމެއްގެ އެންމެ އިސްވެރިންނާއި ޢިއްޒަތްތެރި މަންދޫބުން ހާޟިރުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައިކުރެއްވުމަށްފަހު މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި ދިވެހި ޤައުމާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމުގެ ހުވައިކުރެއްވުމަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިމިގެން އަލަށް ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އަލްފާޟިލް ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ސަލާމްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމުގެ ހުވައިކުރެއްވުމުގެ ޖަލްސާ ފެށުނީ މިއަދު ހަވީރު 5:00 ޖެހިއިރުއެވެ. އަދި މިޖަލްސާ ބޭއްވުނީ ރަސްމީ ފްޓްބޯޅަ ދަނޑުގައި ޚާއްޞަ ރަސްމިއްޔާތެއްގެ ސިފައިގައެވެ.

9 ރަބީޢުލްއައްވަލް 1440
17 ނޮވެމްބަރ 2018