އަމީން ޢާންމުގެ ނައިބު ހިއުމަން ރައިޓްސް ކޮމިޝަނަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ރައީސް މަރުޚަބާ ވިދާޅުވެއްޖެ(29.8.2010)


ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް 2 މެންބަރަކު އިންތިޚާބުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުގައި އެއްމެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނައިބު ޑރ. ޢަލީ ޝަމީމް ހޮވިވަޑައިގަތުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އޭނާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެއެޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 35 ވަނަ ޖަލްސާގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޑރ. ޢަލީ ޝަމީމް ހޮވިވަޑައިގަތީ ޖަލްސާގެ އިއްތިފާގުން 65 ވޯޓްގެ ތާއީދާއެކުގައެވެ. މިހާތަނަށް އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނައިބު ކަމުގެ މަޤާމުގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިމަޤާމު އުފެދި އެމަޤާމުގައި އެންމެފުރަތަމަ ޚިދުމަތް ކުރެއްވި ފަރާތެވެ. އޭނާ ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތްކުރައްވާތާ 4 އަހަރާ 10 މަސްދުވަސްވެފައިވެއެވެ. މިމުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އުވިދިޔަ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށްވެސް އޭނާވަނީ ޚިދުމަތްކުރައްވާފައެވެ.
އަމީން ޢާންމުގެ ނައިބު ޑރ. ޢަލީ ޝަމީމް މިމުއްދަތުގައި ވަރަށް އިޚްލާސްތެރި ކަމާއެކު ރައްޔިތުންގެ މަޖިލީހަށް ޚިދުމަތްކުރައްވާފައިވާތީ އެކަންފާހަގަކުރައްވައި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން އަދި އަމިއްލަފުޅުނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އޭނާއަށް ޝުކުރުއަދާކުރެއްވެވިއެވެ.