ހިޔުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން 2 ނަންފުޅު ފާސްކުރައްވައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 1ވަނަ އިޞްލާޙުގެނައުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި (29.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 35 ވަނަ ޖަލްސާގައި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އެރިޕޯޓަށް ބަހުސްކުރައްވައި، އެ ރިޕޯޓްގައިވާ 5 ނަންފުޅުގެ ތެރެއިން ހިޔުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރެއްވުމަށް މަޖިލީހަށް ފެންނަކަމަށް 2 ނަންފުޅެއްވަނީ މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފައެވެ. ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް މަޖިލީހުން މިއަދު ފާސްކުރައްވައިފައިވާ 2 ނަންފުޅަކީ، އަލްފާޟިލް އަޙްމަދު ޢަބްދުލްކަރީމް ، ދަފްތަރު 1969 އަދި ޑރ. ޢަލީ ޝަމީމް ، ހ. މެރިންވިއުއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙުގެނައުމުގެ ބިލް ދިރާސާކުރެެއްވި ޤައުމީ ސަލާމަތުގެ ކޮމިޓީން ބިލު ފުރިހަމަކުރެއްވި ގޮތަށް ވޯޓަށްއަހާވަނީ ފާސްކުރައްވާފައެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙުގެނައުމުގެ ބިލް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ހިމެނޭ، މީހުންދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މިޤާނޫނުގެ 21 ވަނަ މާއްދާގައި ” ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިޤާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ޤާއިމުކުރެވިފައިނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަަކައި މިޤާނޫނުގެ ދަށުން އިންތިހާބުކުރާ ރަށު ކައުންސިލަކުން” ކަން ބަޔާންކޮށްފައި ވާއިރު މިދެ މާއްދާ 136 ވަނަ މާއްދާއާއި ތަޢާރުޟުވާކަމަށް ފެންނާތީ އެވެ.
މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވިއިރު ވަނީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމަވާ ލައްވާ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓް ނެގުމާ ހަމައަށް ގޮސްފައެވެ.
66 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 30 އޯގަސްޓް 2010 ވާ ހޯމަދުވަހު ހެނދުނު 10:30 ގައެވެ.