ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޟާ، އެމަގާމުން ވަކިކުރުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ޤާނޫނުއަސާސީގެ 165 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ،  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޟާ، އެމަޤާމުން ވަކިކުރުމުގެ  މައްސަލަ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މައްސަލަ ފާސްކުރެއްވުމަށް ވޯޓުދެއްވާފައިވަނީ 42 މެންބަރުންނެވެ. މައްސަލަ، ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާކަމަށް 24 މެންބަރަކު ވޯޓްދެއްވާފައެވެ. އަދި ވަކިފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާކަމަށް އެއް މެންބަރަކު ވޯޓުދެއްވާފައިވެއެވެ. މައްސަލައަށް ކުރެވުނު ބަހުސްގައި 20 މެންބަރުން ވާހަކަފުޅުދައްކަވާފައިވެއެވެ.

12 ނޮވެމްބަރު 2018