ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި އަދި ނައިބުރައީސް ކަމަށް ޢައްޔަންކުރުމަށާއި އަދި އެކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައިފި (23.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި ކަމަށް ޢައްޔަންކުރުމަށްޓަކައި މަރްޔަމް ޢަޛުރާ އަޙްމަދު / މ. ހުކުރަދިގެ އަދި ނައިބުރައީސް ކަމަށް ޢައްޔަންކުރުމަށްޓަކައި ޖީހާން މަޙްމޫދު / ދޭލިޔާއާގެ، ޅ. ހިންނަވަރު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މިނަންފުޅުތައް މަޖިލީހައް އިއްވައި، މިނަންފުޅުތައް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން ޢައްޔަނުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް، މަޖިލީހައް އިއްވައި، މިނަންފުޅުތައްވެސްވަނީ ދިރާސާކުރެއްވުމަށް އިސްވެދެންނެވުނު 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވަވާފައެވެ.
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް 2 މެންބަރުން ޢައްޔަނުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން ނިންމަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ އަލްފާޟިލް އަޙްމަދު ޢަބްދުލްކަރީމް ދަފްތަރު 1965، ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް / ހ. ސީސައިޑް، ޑޮކްޓަރ ޢަލީ ޝަމީމް / ހ. މެރިންވިއު، އަލްފާޟިލް މަޒީނާ ޖަމީލް / މ. ލައިޓްވިޔު، އަލްފާޟިލް އިބްރާހީމް ހުޒާމް / މައުނާ ޏ. ފުވައްމުލައް އަދި އަލްފާޟިލް ޢަލީ އަޝްރަފް / ދަފްތަރު 3366 އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ މިދެންނެވި ދެމައްސަލަ ނިމުމުން ދެން މަޖިލިސް ބަދަލުވެގެން ދިއައީ މުޅިމަޖިލީހުގެ ކޮމިޓީއަކަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 117 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން މުޅިމަޖިލިސް ކޮމިޓީއަކަށް ބަދަލުވެގެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ މަސައްކަތެވެ. ނަމަވެސް މިމަސައްކަތް ކުރިއަށްގެންގޮސް ވޯޓާ ހަމައަށް ގޮސްފައިވަނިކޮށް ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދެވޭ މިންވަރަށްވުރެ ބޮޑަށް ކޮމިޓީގެ ނިޒާމު ގެއްލުމުގެ ސަބަބުން އެކޮމިޓީވަނީ ނިންމަވާލައްވާފައެވެ.
71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 24 އޯގަސްޓް 2010 ވާ އަންގާރަދުވަހު ހެނދުނު 10:30 ގައެވެ.