ނޭޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި (23.8.2010)

ނޭޕާލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ ސުޝިލް ޗަންދްރަ އަމަތިޔަ
(Mr. SushiChandra Amatya) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކުރެއްވި މިއިޙްތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި އަދި އެކިދާއިރާތަކުން ރާއްޖޭގެ މީހުން ބިނާކުރުމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެެ. އަދި މޯލްޑިވްސް ނޭޕާލް ޕަރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕް މެދުވެރިކޮށް ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
މީގެއިތުރުން، 17 ވަނަ މަޖިލީހާއި ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ސަފީރަށްް މަޢުލޫމާތު ދެއްވިއެވެ.