ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފިި (19.8.2010)

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލަންސީ މެޑަމް ޔޭންގ ޒިއުފިންގ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މަޖިލިސްކުރާގޭގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާގެ ސަފީރަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ޢަމަލުކުރަމުންދާ ގަވާއިދުގެ ދަށުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރިއަށް ގެންދެވޭކަމުގައިވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ މަޢުލޫމާތު މަޖިލީހުގެ ރައީސް ސަފީރާއި ހިއްސާކުރައްވާ، ވޭތުވެދިޔަ ހަފްތާގައި މަޖިލީހުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ސަފީރަށް ވިދާޅުވެދެއްވިއެވެ. އަދި މިހާރު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ އިތުރުން މަޖިލީހުގެ މަސައްކަތްތައް ހަލުވިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޗައިނާ ޕަރލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕް މެދުވެރިކޮށް ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.