ރައްޔިތުންގެ މަޖިލީހުގެ 4 ކޮމެޓީއެއްގެ ބައްދަލުވުން މިއަދު ހެނދުނާއި މެންދުރުފަހު ބާއްވައި މަސައްކަތް ކުރިއަށް ގެންދަވައިފި (18.8.2010)

އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިބިލުގެ 37 ވަނަ މާއްދާއިން ފެށިގެން ބިލުގެ ނިޔަލަށް ނިންމެވިއެވެ.

ޤާނޫނުއަސާސީއާއި ޚިލާފު ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައިތަކާގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ

4 ސެޕްޓެމްބަރ 2008 ގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ޤާނޫނުއަސާސީއާ ތައާރުޟުވާ ކަމަށް ފެންނަ ޤާނޫނުތަކާ ޤާނޫނުތަކުގެ ބައިތައް ކަނޑައަޅާފައި ލިސްޓުން ހަމައެކަނި ޤާނޫނުއަސާސީއާ ތަޢާރުޟުވާކަން ކޮމިޓީއަށް ފެނުނު ޤާނޫނުތަކާ ޤާނޫނުތަކުގެ ބައެއް މާއްދާތައް ކޮމިޓީން މަޖިލީހަށް ބިލެއްގެ ޒަރިއްޔާއިން އުވާލުމަށް ހުށަހެޅުމަށް ކޮމިޓީއަށް ހާޟިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލަށް ދެ ޢިއްޒަތްތެރި މެންބަރަކު ހުށަހަޅުއްވާފައިވާ ދެ އިޞްލާޙުގެ މަސައްކަތް ސަބް ކޮމިޓީން ނިންމަވާފައިވާތީ އެ ކޮމިޓީގެ ރިޕޯޓު ދިރާސާކުރެއްވިއެވެ.
އެ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ އިޞްލާހަކީ ރަނގަޅު އިޞްލާޙެއް ކަމަށް ކުޑަކޮމިޓީން ވަނީ ނިންމަވާފައެވެ. އަދި މި އިޞްލާޙާމެދު މައި ކޮމިޓީން މަޝްވަރާ ކުރެއްވުމަށްފަހު މި އިޞްލާޙު ބަލައިގަތުމަށް ކޮމިޓީން ވޯޓަށް އެއްސެވުމުން ކޮމިޓީގެ 6 މެންބަރުންގެ ވޯޓުން މިއީ ރަނގަޅު އިޞްލާޙެއް ކަމަށް ނިންމެވިއެވެ.
އެއަށްފަހު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާހު ގެނައުމުގެ ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙަކީ މައި ކޮމިޓީން ގޮތެއް ނިންމެވުމަށް ކުޑަ ކޮމިޓީން ނިންމަވާފައިވާ މައްސަލައެއްކަމުން މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ދެން އޮންނަ ބައްދަލުވުމެއްގައި މި އިޞްލާޙަށް ގޮތެއް ނިންމެވުމަށް މިއަދުގެ ކޮމީގެ ބައްދަލުވުން ނިންމެވިއެވެ.

މާލިއްޔަތު ކޮމިޓީ

މިކޮމެޓީގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ މުސާރަކަނޑައެޅުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ.